ކާރިސާތަކާއި އަރައްކާތައް

އަރައްކާއަކީ ފުރާނަ ގެއްލުމާއި، އަނިޔާވުމާއި، އެހެނިހެން ސިއްޙީ ގެއްލުންތަކާއި، މުދަލައް ގެއްލުން ލިބުމާއި، ދިރިއުޅުމަށްކުރާ މަސައްކަތްތަކާއި މުހިއްމު ޚިދުމަތްތަކަށް ގެއްލުންވުމާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް މެދުކެނޑުމާއި، ތިމާވެށީގެ ގެއްލުން މެދުވެރިކުރުވާފަދަ ޤުދުރަތީ ނުވަތަ އިންސާނީ ޙަރަކާތެއް ނުވަތަ ޙާލަތެކެވެ.
ކޮންމެ އަރައްކާއަކި ހާދިސާއެއް ނުވަތަ ކާރިސާއަކަށް ނުވެދާނެއެވެ.
ބައެއް ޤުދުރަތީ އަރައްކާތަކުގެ ސަބަބުން އިންސާނުންނަށް ނުވަތަ ތަކެއްޗަށް ނުރައްކާވުން އެކަށީގެންވެއެވެ. މިސާލަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ އިންސާނުންނަށް ނުވަތަ މުދަލާއި ތަކެއްޗަށް އެކިވަރުގެ ގެއްލުންވުން އެކަށީގެންވެއެވެ. ހަމަ އެހެންމެ އިންސާނުގެ އަމަލުތަކުގެ ސަބަބުން އަލިފާނުގެ ހާދިސާތަށް ހިނގައި މުދަލާއި ތަކެއްޗަށް ގެއްލުންވުން އެކަށީގެންވެއެވެ.  

އަރައްކާއެއް ކާރިސާއަކަށް ބަދަލުވެގެންދަނީ ކޮންއިރަކުން ހެއްޔެވެ؟

އަރައްކާއެއް ކާރިސާއަކަށް ބަދަލުވެގެންދާނީ، އެ އަރައްކާއެއް ހުރި ނުވަތަ ކުރިމަތިވި މުޖުތަމައެއްގެ ނުވަތަ ޖަމާޢަތެއްގެ އަމިއްލަ ވަޞީލަތްތައް ބޭނުންކޮށްގެން ތަހައްމަލު ނުކުރެވޭވަރަށް އެބައެއްގެ އިންސާނީ، މާއްދީ އަދި އިޤްތިޞާދީ ވަޞީލަތްތަކަށާއި ތިމާވެއްޓަށް ގެއްލުންވެ، އާއްމު ދިރިއުޅުމަށް ހުރަސްއެޅޭފަދަ ބޮޑު ހާލަތެއް ދިމާވުމުންނެވެ. 
މި ފަދަ ހާލަތެއް ދިމާވި ނަމަވެސް އެކަމަކުން އަރައިގަންނާނެ ޤާބިލްކަން ( ރޭވުންތެރިކަމާއި ، މީހުންނާއި ވަސީލަތަތައް) މުޖުތަމައެއްގެ ނުވަތަ ޖަމާޢަތެއްގެ ހުރިނަމަ، ލެވެލް ކަނޑައެޅޭނީ ހާދިސާއެއްގެ ގޮތުގައެވެ.

ރާއްޖެއަށް ގުދުރަތީ ގޮތުން ކުރިމަތިވަމުންދާ ބައެއް އަރައްކާތައް

  • ނަގޫރޯޅި
  • ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުން
  • އުދައެރުން
  • ތޫފާން
  • ސުނާމީ
  • ބިންހެލުން
  • ހަނަފަސްކަން (ބޯފެން ލިބުން ދަތިވުން)

ތޫފާންތައް

ރާއްޖެއަށް އަރާ ތޫފާންތަކަކީ ފަނާކުރަނިވި ތޫފާންތަކަށް ވަނީ:
  • އޭގެ ސަބަބުން ޖެހޭ ގަދަވައި،ގަޑިއަކު 150 ކިލޯމީޓަރަށް ވުރެ ބާރުވުން
  • 24 ގަޑިއިރުގެ ތެރޭގައި 30 އާއި 40 ސެންޓިމީޓަރާއި ދެމެދުގެ މިންވަރަކަށް ވުރެ ގިނައިން ވާރޭ ވެހުން
  • ތޫފާނުގައި އާންމުގޮތެއްގައި ހަތަރު މީޓަރާއި ފަސް މީޓަރަށް ވުރެ ރާޅު އުސްވުން
ދިވެހި ރާއްޖެއަށް އާންމުކޮށް ތޫފާންތަކުގެ ސީދާ އަސަރެއް ނުކުރެއެވެ.  ރާއްޖެއަށް އާންމުކޮށް އަސަރުކުރަނީ އިންޑިއާ ކަނޑުގައި އުފެދޭ ތޫފާން ތަކާއި ނަގޫރޯޅީގެ ސަބަބުންނެވެ. ދިވެހިރާއްޖެ އޮންނަނީ އީކުއޭޓަރ ސަރައްޙައްދުގައި (ދުނިޔޭގެ ފިނިހޫނުމިން އެއްވާ ހިސާބު) ކަމަށް ވުމާއެކު ތޫފާނުގެ ސީދާ އަސަރުތައް ހުއްޓުވައެވެ. ނަމަވެސް އަޅުގަނޑުމެންގެ ގޯތިގެދޮރާއި އެހެނިހެން އިމާރަތްތައް ކުރެވިފައި ހުންނަނީ ގަދަ ވަޔާއި ވިއްސާރައިން ރައްކާތެރިވާ ގޮތްތަކަށް ނޫންކަމުން މި ތޫފާންތަކުގެ ސަބަބުން ކުރާ ކުޑަ އަސަރުތަށް ވެސް، މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުން ދެއެވެ. 3ވަނަ ކެޓަގަރީ އަށްވުރެ ދަށް ތޫފާނަކުން ކުރާ ނުސީދާ އަސަރުތަކުންވެސް ވަރަށް ބޮޑެތި ގެއްލުންދެނިވި ކަންކަން ކުރިމަތިވެއެވެ.
ސައިކްލޮނިކް ވިންޑް ހެޒާޑް ޒޯންސް
މި ސަރަހައްދުގައި އުފެދޭ ތޫފާންތަކުގެ އަސަރު ބޮޑަށް ކުރާނޭކަމަށް ބެލެވެނީ އުތުރުގެ އަތޮޅު ތަކަށެވެ. އެހެނީ ބޭ އޮފް ބެންގަލް އަދި އަރަބި ކަނޑުގައި އުފެދޭ ނަގޫރޯޅިތަށް އުފެދުމުގެ ފުރުސަތު ބޮޑީ މި ރަށްތަކާއި ކައިރީގައެވެ. މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގައި މި އަރައްކާގެ އަސަރުކުރާނެ ކަމަށް ބެލެވޭ މިންވަރު ކުޑައެވެ. މި ފަދަ ތޫފާންތަކުގައި ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުމާއި ވައިބާރުވެ އުދައިގެ އަސަރު ކުރެއެވެ. ތޫފާނެއްގެ އަސަރު އެންމެ ބޮޑަށް ކުރާނޭ ކަމަށް ބެލެވޭ ސަރަހައްދުތަކަށް ވައި އެންމެ ބާރުވާނޭ ކަމަށް ލަފާކުރެވެނީ ގަޑިއަކު 180 ކިލޯމީޓަރު ބާރުމިނުގައެވެ. މިއީ ކެޓެގަރީ 3 ގެޓްރޮޕިކަލް ތޫފާނަކަށްވުރެވެސް ބާރުދަށް މިންވަރެކެވެ.

ބޯކޮށް ވާރޭ ވެހުން

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފެންބޮޑުވެއެވެ. ޚާއްޞަކޮށް ހުޅަނގު މޫސުމުގެ ވިއްސާރާގައި މެދު ރާއްޖެތެރެއާއި ދެކުނު ރަށްތަކުގައި ފެންބޮޑުވުން ރިޕޯޓުކުރާ މިންވަރު ގިނަކަން ފާހަގަ ކުރެވެއެވެ.
Image

އުދައެރުން

އުދައެރުމުގެ ސަބަބުންވެސް ބައެއް ރަށްތަކުގައި ފެންބޮޑުވުމާ ކުރިމަތިލާން ޖެހެއެވެ. މިސާލަކަށް 1987 ވަނަ އަހަރުގެ އޭޕްރީލް މަހު ދެކުނު ކަނޑާ 6000 ކިލޯމީޓަރު ދުރުގައި އުފެދުނު ދިގުދެމިގެންދިޔަ އުދަ ބާންޏެއްގެ ސަބަބުން ފެންބޮޑުވެ ގދ، ދ، ތ އަދި ލ.  ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. ހަމަ މިގޮތަށް 2014 ވަނަ އަހަރުގެ މެއި-ޖޫން މަހުގެ ތެރޭގައި އުދައެރުމުގެ ސަބަބުން ހއ. އަތޮޅުގެ ދިއްދޫ، ނެއްލައިދޫ އަދި ހދ. ހިރިމަރަދޫ، މީގެ އިތުރުން ށ،ނ،ރ،ބ،ކ،ގއ، ގދ އަތޮޅުގެ ގިނަ ރަށްތަކެއްގެ ދަޑުބިންތަކަށް ގެއްލުން ލިބިފައިވެއެވެ.

ފެން ލިބުމަށް ދަތިވުން

އިރުވައި (ހޫނު) މޫސުމުގައި ބޯފެނުގެ ދަތިކަން ކުރިމަތިވެގެން ވަރަށް ގިނަ ރަށްތަކުން ރިޕޯޓްކުރެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި އެކު ވާރޭވެހުމުގެ ޕެޓާން އަށް އަންނަ ބަދަލުތަކާއި ގުޅިގެން އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކުން ބޯފެން ހުސްވުމުގެ ފުރުޞަތު ބޮޑެވެ. މީގެ އިތުރުންވެސް ދިރިއުޅުމުގެ ވައްޓަފާޅިއާއި އެހެނިހެން މި ފަދަ ސަބަބުތަކާއި ގުޅިގެންވެސް ހޫނުމޫސުމުގައި ރަށްރަށުން ވާރޭފެން ހުސްވުމުގެ މައްސަލަތަކާއި ކުރިމަތިލާން ޖެހެއެވެ.

ސުނާމީ

އިންޑިއާ ކަނޑުގައި 3 ސުނާމީ ޒޯން ހުރެއެވެ. އެއީ ސުމަތްރާ ސަބްޑަކްޝަން ޒޯންއާއި މަކަރަން ސަބްޑަކްޝަންޒޯން އަދި ކާލްސް ބާރގް ރިޖް އެވެ.
ދިވެހިރާއްޖޭގައި ސުނާމީގެ ހިރާސް ވަކިން ބޮޑަށް ބޮޑުވެފައި ވަނީ ސުމަޓްރާ ސަބްޑަކްޝަން ޒޯނުން އިރުމަތީ އަތޮޅުތަކުގެ ތެރޭގަ އެވެ.
ސުމަތްރާ ސަބްޑަކްޝަން ޒޯން އަކީ މިސަރަހައްދުގައި އެންމެ ގިނައިން ސުނާމީ އުފެދޭ ޒޯނެވެ. މިސަރަހައްދުގައި އުފެދުނު %90 ސުނާމީ އުފެދުނީ މިޒޯންގައެވެ.

ބިންހެލުން

ރާއްޖެއަށް ބިންހެލުމުގެ ސީދާ އަސަރުކޮށްފާނޭ ކަމަށް ބެލެވެނީ ކާލްސް ބާގް ރިޖްއަށް އަންނަ ބިންހެލުންތަކުންނެވެ. މިފަދަ ބިންހެލުމުގެ އަސަރު ކުރާނޭ ކަމަށް ބެލެވެނީ ދެކުނުގެ އަތޮޅުތަކަށެވެ. މި ރިޖް ހުންނަނީ އައްޑޫ ސިޓީ (ރާއްޖޭގެ އެންމެ ދެކުނު)  އާއި 600 ކިލޯމީޓަރު ދުރުގައެވެ.
ސެއިސްމިކް ހެޒާޑް ޒޯންސް
ރާއްޖެ ސަރަހައްދަށް ބިންހެލުމެއް އައުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތީ ދެކުނު ރަށްތަކަށެވެ.

އަލިފާ

އަލިފާން ރޯވެ ފެތުރިގަތުމަށް ހުންނަން ޖެހޭ މިންގަނޑުތަކަކީ އަރައްކާއެވެ.  މި މިންގަނޑުތަކަކީ އޮކްސިޖަން، ފިއުލް(ހަކަތަ) އަދި ހީޓް (ފިނިހޫނުމިން). އޮކްސިޖަންއަކީ ވައިގެ ތެރޭގައި ހިމެނޭ ބަޔަކަށް ވުމުން އަބަދުމެ ލިބެން ހުންނަ އެއްޗަކަށް ވުމާއެކު، ފިއުލް އަދި ހީޓް ރައްކާތެރިގޮތުގައި ނުބެލެހެއްޓޭނަމަ ނުވަތަ ހުންނަންވާ މިންވަރުގައި ނުބެހެއްޓޭނަމަ އަލިފާން ރޯވެ ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ.
ރައްކާތެރިކަމަށް އިސްކަން ނުދެވުމުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގާމިންވަރު  މިހާރަކަށް އައިސް މިވަނީ އިތުރުވެފައެވެ.  ޚާއްސަކޮށް އާރބަން އޭރިއާސްތަކުގައި ހާދިސާތައް ހިންގާ މިންވަރު ގިނައެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން މީހުންގެ ފުރާނަ ގެއްލި، މުދަލާއި ތަކެއްޗަށް އަގު ނުކުރެވޭފަދަ ބޮޑެތި ގެއްލުންތައް ވެއެވެ.  އަދި މުހިއްމު ހިދުމަތްތައް މެދުކެނޑޭ ފަހަރު ވެސް އާދެއެވެ.