ކާރިސީ ހިރާސް ކުޑަކުރުމަކީ (Disaster Risk Reduction) ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ (Disaster Management) ގެ އެއްބަޔެވެ. ދިރާސާތަކުން
ދައްކާގޮތުން ކާރިސާއެއް އައުމުގެ ކުރިން އެފަދަ ކަމަކުން ލިބޭނެ ގެއްލުން
ކުޑަކުރުމަށް ފިޔަވަޅު އެޅުމުން، އެކާރިސާއިން ލިބޭ ގެއްލުން ކުޑަކުރެވެއެވެ. އަދި
ހަމައެހެންމެ މިމަސައްކަތް އެންމެ ރަނގަޅުފެންވަރެއްގައި، ދެމެހެއްޓެނިވި ގޮތަކަށް
ގެންދެވެނީ މިކަމުގައި މުޖުތަމަޢު އިސްދައުރެއް އަދާކުރުމުންކަމަށްވެސް
ދިރާސާތަކުންނާއި ތަޖުރިބާއިން ފެނިފައިވެއެވެ. ކާރީސީ ހިރާސް ކުޑަކުރުން
މުޖުތަމަޢުއަށް ބިނާކުރުމުން މުޖުތަމަޢުގެ ވިލުންވެރިކަން އިތުރުކުރުމަށް ކުރެވޭ
ކަންކަމުގައި މުޖުތަމަޢުގެ އިސްނެގުން އިތުރުވެ، އަމިއްލަ ނާޒުކުކަން ކުޑަކުރުމަށާއި
ޤާބިލްކަން އިތުރުކުރުމަށް މުޖުތަމަޢު ބާރުވެރިވެ، ރަށަށް ދިމާވާ ކާރިސާ އަދި
ހާދިސާތަކުގައި ރަށުފެންވަރުގައި އިޖާބަދިނުމުގެ ޤާބިލްކަން އިތުރުވެގެން ދެއެވެ.