ކާރިސާއާއިބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު

މިއީ ޤުދުރަތީގޮތުންނާއި އެހެނިހެން ގޮތްގޮތުން ދިމާވާ އަރައްކާތަކާއި، ކާރިސާތަކުން ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހި ރައްޔިތުންނާއި، ދިވެހި ރައްޔިތުންގެ ގެދޮރާއި، މުދަލާއި، ދިވެހިރާއްޖޭގެ ތިމާވެއްޓާއި ބިނާވެށި ޙިމާޔާތްކުރުމަށާއި، ކާރިސީހިރާސަށް ދިވެހިރާއްޖޭގެ ސަރަޙައްދާ ދިވެހި ރައްޔިތުން ހުށަހެޅިފައިވާތީއާއި ، އަރައްކާތަކާއި ކާރިސާތަކާއި ކުއްލި ޙާލަތުތައް ކުރިމަތިވުމުންދާ ކަމަށްޓަކައި، ކާރިސާއެއް ހިނގުމުގެ ކުރިން، ކުރިމަތިވެފައިވާ އަރައްކާތަކުގެ ސަބަބުންނާއި ދިވެހިރާއްޖޭ ޤުދުރަތީގޮތުން އުފެދިފައިވާ ނާޒުކުކަމުގެ ސަބަބުން ހުށަހެޅިފައިވާ ކާރިސީހިރާސް ކުޑަކުރުމަށް ކުރިއާލާ މަސައްކަތްކުރުމަށާއި، ކާރިސާތަކަށް ތައްޔާރުވުމަށާއި ކާރިސާތަކުން ރައްކާތެރިވެ ތިބުމަށާއި، އަދި މި ޤާނޫނުގައި ބަޔާންކޮށްފައިވާ މަޤްޞަދުތައް ޙާސިލްކުރުމަށް ޓަކައި ކަނޑައަޅަންޖެހޭ އެންމެހައި ސިޔާސަތުތަކާއި، އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި ބަޔާންކުރުމުގެ ޤާނޫނެވެ.
މި ޤާނޫނަށް ކިޔަނީ، "ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު" އެވެ.

މަޤްޞަދު

މި ޤާނޫނުގެ މަޤްޞަދަކީ އަންނަނިވި ކަންކަން ޙާސިލް ކުރުމުވެ.
  • ޤުދުރަތީގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ އަރައްކާތަކުންނާއި ކާރިސާތަކުން ރައްޔިތުން ސަލާމަތް ކުރުން
  • ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، ތައްޔާރުވެ ތިބުމުގެ މައިގަނޑު އުސޫލުތައް ކަނޑައެޅުން
  • ކާރިސީހިރާސް ކުޑަކުރުމަށާއި އަދި ތައްޔާރުވެ ތިބުމުގެ ޤައުމީ ޕްލެޓްފޯމް އެކުލަވާލުމާއި ކާރިސީހިރާސް ބެލެހެއްޓުމުގެ ޒިންމާ އުފުލާނެ ފަރާތްތައް ކަނޑައަޅައި، އެފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔާތުތައް ކަނޑައެޅުން
  • ކާރިސާއަކަށް އިޖާބަދިނުމުގެ ކަންތައްތައް ރާވާ ހިންގާނެ ގޮތާއި ކާރިސާއަށްފަހު އިޔާދަވުމުގެ ޙާލަތުގައި އެހީ ފޯރުކޮށްދިނުމާއި، އެހީ ހޯދުމާއި، މިކަންކަމާ ގުޅުންހުރި ކަންތައްތައް ވިލަރެސްކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން
  • ކާރިސީހިރާސް ކުޑަކުރުމާއި ބެލެހެއްޓުމުގައާއި ކާރިސާއަކާގުޅިގެން ކުރިމަތިވާ ކުއްލި ހާލަތުތަކުގައި ދިވެހިރާއްޖޭގެ ލާމަރުކަޒީ ދާއިރާތަކުން އުފުލަންޖެހޭ ޒިންމާގެ ދައުރު ކަނޑައެޅުން
  • ކާރިސީހިރާސް ކުޑަކުރުމާއި ބެލެހެއްޓުމާއި ކާރިސާއަކާއި ގުޅިގެން ކުރިމަތިވާ ކުއްލި ޙާލަތަތަކުގައި ކަންތައް ކުރާނެ ގޮތާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވައި، އެފަދަ ނުރައްކާތަކުން ރައްޔިތުން ސަލާތްކުރުމަށް ބަރުދާސްތީ ޤާބިލުކަން އިތުރުކުރުމަށް އުސޫލުތައް ކަނޑައަޅައި ބާރުއެޅުން
  • ކާރިސީހިރާސް ކުޑަކުރުމުގެ އަސާސްތައް ޤައުމީ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކުގައި ހިމެނުމުގެ އުސޫލު ކަނޑައެޅުން
  • ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ތައްޔާރުވެ ތިބުމުގައި ދިވެހި ރައްޔިތަކީ ޒިންމާދާރު، މަސްއޫލުވެރި ރައްޔިތަކަށް ހެދުން
ކާރިސާއާއިބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު