އަޅުގަނޑުމެން

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 28/2015) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދާފައިވާ މުއައްސަސާއެކެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އުފައްދާފައި ވަނީ 30 ޑިސެމްބަރ 2018 ވަނަ ދުވަހުއެވެ. އަދި މި އޮތޯރިޓީ އުފެއްދުމާއި އެކު ކުރިން ހިނގަމުންއައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އެންމެހައި މުވައްޒަފުންނާއި މުދާ ވަނީ އެން.ޑީ.އެމް.އޭއަށް ބަދަލުކުރެވިފައެވެ.
އެން.ޑީ.އެމް.އޭ ގެ މައިގަނޑު މެންޑޭޓަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ކާރިސާތަކަށް ތައްޔާރުކަން އިތުރުކުރުމާއި ދިމާވާ ކާރިސާތަކަށް އިޖާބަދިނުމުގެ އެންމެހައި ކަންކަން ރާވާ ހިންގައި ވިލަރެސްކުރާ ސަރުކާރުގެ މައި އިދާރާގެ ގޮތުގައި މަސައްކަތް ކުރުމެވެ. މިގޮތުން އެން.ޑީ.އެމް.އޭ އުފެއްދެވި މައިގަނޑު މަޤުޞަދުގެ ތެރޭގައި ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިޘާތަކާއި ގުޅިގެން މަރުކަޒީ ފެންވަރުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް، ސަރުކާރާއި ދައުލަތުގެ މުވައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރއާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އަމިއްލަ ފަރުދުންނާއި ގުޅިގެން ހިންގުމަށްޓަކައި ބޭނުންވާ ހަރުދަނާ އިދާރީ އަދި ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި ވިލަރެސްކުރުން ހިމެނެވެ.
އެ.ން.ޑީ.އެމް.އޭ ގެ މައިގަނޑު ޒިންމާއަކީ ކާރިސާތަކުން ދިމާވެދާނެ ގެންލުންތައް ކުޑަކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރުމެވެ. އެގޮތުން އެއްބަސްވެފައިވާ މިންގަނޑުތައް ކަނޑައެޅުމާއި އިޖުރާޢަތްތަކާއި ސިޔާސަތުތައް އެކުލަވާލުން ހިމެނެއެވެ. މި މަސައްކަތަކީ ނޭޝަނަލް ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ފްރޭމްވޯކްއަށް ރިޢާޔަތްކޮށް ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ. މީގެ އިތުރުން ރިލީފް ގައިޑްލައިން އާއި އިންޓާރނަލް ޑިސްޕްލޭސްޑް ޕަރސަންސް (އައިޑީޕީ) މެނޭޖްކުރުމުގެ އޮނިގަނޑާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ޕްލޭން (އެންއީއޯޕީ) ފަދަ އެހެން ބައެއް ލިޔުންތަކާއި ޕްރޮސެސްތައް މިހާރުވެސް ދަނީ ތަރައްޤީ ކުރެވެމުންނެވެ. ބަދަލުވަމުން އަންނަ އިޖުތިމާޢީ މާޙައުލާއި މޫސުމާއި ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ފޫބެއްދުމަށްޓަކައި ފާހަގަކޮށްލެވޭ ތަފާތު ރީސްޓްރަކްޗާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޒަމާނީ ވަސީލަތްތައް ހުރި އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް އެއް.ޑީ.އެމް.އޭ ގައި ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އެ.ން.ޑީ.އެމް.އޭ ގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކާއި، ލޯކަލް ކައުންސިލުތަކާއި، ރާއްޖެއާއި ބޭރުގެ ޖަމިއްޔާ ޖަމާޢަތްތަކާއި އެކު ހަރުދަނާ ދެފުށް ފެންނަ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަންޖެހެއެވެ. މިގޮތުން  ބައިނަލް އަޤްވާމީ ފަންނީ އިދާރާތަކާއި އެހީ ފޯރުކޮށްދޭ އެޖެންސީތަކުގެ އެހީގައި ގިނަ މަސައްކަތްތަކެއްދަނީ ފަހިވަމުންނެވެ. ޚާއްޞަކޮށް ޔޫއެންޑީޕީ، ޔުނިސެފް، ޔޫއެންއައިއެސްޑީއާރު އަދި އޭޝިއަން ޑިޒާސްޓަރ ޕްރިޕެއާޑްނެސް ސެންޓަރު (އޭޑީޕީސީ) ގެ މާލީ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ މަޝްރޫޢުތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ސާކް، ޔޫއެންއެސްކޭޕް، އޭޝިއަން ޑިޒާސްޓަރ ރިޑަކްޝަން ސެންޓަރ (އޭޑީއާރުސީ)، މަރސީ މެލޭޝިއާ އަދި އެނޫންވެސް ބައެއް ޖަމްޢިއްޔާތަކުން ފަންޑުކޮށްގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބެމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.
ކާރިސީ ހިރާސް ކުޑަކުރުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ. ދިވެހިރާއްޖެއަކީ ކާރިސާތަކަށް ވިލުންވެރި އަދި ކާރިސާތަކަށް ތައްޔާރުވެ ތިބި މުޖުތަމަޢަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަމާ ހިނގާށެވެ.