މެންޑޭޓް

ގާނޫނު ނަންބަރު 2015/28 (ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ"  އުފައްދަވާ މިއޮތޯރިޓީއަކީ މިނިސްޓަރ އޮފް ޑިފެންސްގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ މުއައްސަސާއެއްގެ ގޮތުގައި 30 ޑިސެންބަރު 2018 ވަނަ ދުވަހު ވަނީ ހަމަޖައްސަވާފައެވެ. އަދި މި އިދާރާގެ މެންޑޭޓްގައި ހިމަނުއްވާފައި ވަނީ ތިރީގައިވާ މަސައްކަތްތަކެވެ.
ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިޘާތަކަށް ރައްޔިތުން ތައްޔާރީ ޙާލަތަކަށް ގެނައުމަށްޓަކައި ބޭނުންވާ އެކިއެކި ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެކަންކަމާ ބެހޭ ގޮތުން ސަރުކާރުގެ އިދާރާތަކާއި އާންމު ފަރުދުން ހޭލުންތެރިކުރުވުން.
ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިޘާތަކާއި ގުޅިގެން މަރުކަޒީ ފެންވަރުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް، ސަރުކާރާއި ދައުލަތުގެ މުވައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރއާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އަމިއްލަ ފަރުދުންނާއި ގުޅިގެން ހިންގުމަށްޓަކައި ބޭނުންވާ ހަރުދަނާ އިދާރީ އަދި ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި ވިލަރެސްކުރުން.
ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިޘާތަކާއިގުޅިގެން، ރެސްޕޮންސް އަދި ރިލީފް އެހީ ބޭނުންވާ ފަރާތްތައް ކަނޑައަޅައި އެފަރާތްތަކަށް އެހީ ފޯރުކޮށްދެވޭނެ ނިޒާމެއް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ރާވައި ހިންގުމާއި ވިލަރެސްކުރުން.
ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިޘާތަކާއި ގުޅިގެން ދިރިނޫޅެވޭ ވަރަށް ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުން.
ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިޘާތަކާއި ގުޅިގެން ދިރިނޫޅެވޭވަރަށް ގެދޮރަށް ގެއްލުންލިބޭ ޢާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވެންދެން އެފަރާތްތަކުގެ ދިރިއުޅުމުގެ ޟަރޫރީކަންކަން ބެލެހެއްޓުން.
ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިޘާތަކާއި ގުޅިގެން ކުރަންޖެހޭ ކަންކަމަށް، ރާއްޖެއާއި ރާއްޖެއިންބޭރުން އެހީ ހޯދުމުގެ މަސައްކަތް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއިއެކު ވިލަރެސްކޮށްގެން ކުރުން.
ކާރިޘާތަކުން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ކަމާއިގުޅުންހުރި ސަރުކާރުގެ ފަރާތްތަކާއި، ސަރުކާރު ނޫން ފަރާތްތަކުން އިސްކަމެއްދޭ ކަމެއްގެގޮތުގައި ހެދުމަށްޓަކައި މިފަރާތްތައް ގުޅިގެން މަސައްކަތްކުރާނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުން.
ރާއްޖެފަދަ ކުޑަޖަޒީރާޤައުމަކަށް ކުރިމަތިވެދާނެ ޤުދުރަތީ ކާރިޘާތަކާއި، ނުރައްކާތެރި ބަލިމަޑުކަންފަދަ ކަންތައްތަކުން ލިބިދާނެ ގެއްލުންތައް ދިރާސާކޮށް، ހިންގާނެ ހަރާކާތްތައް ކުރިޔަށް ގެންދާނެ ގޮތުގެ މިންގަނޑުތަކާއި، އުޞޫލުތަކާއި، ޤަވާޢިދުތައް މިދިރާސާގެ އަލީގައި އެކުލަވާލައި އާންމުކުރުން.
ސަރުކާރުގެ މިނިސްޓްރީތަކުން އެކުލަވާލާފައިވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި، ޕްރޮގްރާމްތައް އެކުލަވާލައި ހިންގަމުން ގެންދަނީ ކާރިޘާތަކުން ކުރިމަތިވާނެ ގެއްލުންތައް ކުޑަކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި، އުޞޫލުތަކާއި އެއްގޮތަށްކަން ކަށަވަރުކުރުން.
ޤުދުރަތީ ކާރިޘާތަކާއި، ނުރައްކާތެރި ބަލިމަޑުކަމާއި، އަދި އެނޫންވެސް ނުރައްކާތެރި ކާރިޘާއެއް ދިމާވުމުގެ ކުރިން އިންޒާރުދިނުމުގެ ނިޒާމް މިހާރަށްވުރެ ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކުރުން.
ކާރިޘާތަކުން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތައް ލާމަރުކަޒީއުޞޫލުން ހިންގާނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް ވިލަރެސްކުރުން.
ކާރިޘާތަކުން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރަށްރަށުގެ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި، އަންހެނުންނާއި، ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.
ކާރިޘާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ތަޖުރިބާއާއި، މަޢުލޫމާތާއި އެހެނިހެން ވަޞީލަތްތައް ބޭނުންކުރެވޭނެ ނިޒާމެއް ޤާއިމްކުރުން.
ކާރިޘާތަކުން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރެވޭނެ ގޮތުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ދާއިމީގޮތެއްގައި ހިންގުން.
ޑިޒާސްޓަރ ރިސްކް ރިޑަކްޝަންއާއި، އަދި ޑިޒާސްޓަރ މެނޭޖްމަންޓް، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ހިމަނައި، މިކަމަށް ޚާއްޞަކުރެވޭ ކަރިކިއުލަމެއް ތަރައްޤީކޮށް ސްކޫލްތަކުގައި ކިޔަވައިދެވޭނެ އިންތިޒާމެއް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުން.
ކާރިޘާތަކުން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި އިސްވެ ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީން، އެފަރާތްތަކާއި ގުޅިގެން ދެވޭނެ ނިޒާމެއް ޤާއިމްކުރުން.
ޑިޒާސްޓަރ ރިސްކް ރިޑަކްޝަންއާބެހޭ މަޢުލޫމާތު ފުޅާދާއިރާއެއްގައި އެއްކޮށް، މިމަޢުލޫމާތު ޢާންމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން