ކާރިސާތަކަށް އިޖާބަދިނުމުގެ ޤާބިލިއްޔަތުކަން
އިތުރުކުރުމުގެ ގޮތުން "ދި އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް
ޕްރޮގްރާމް" ޖަޕާން ގްރާންޓް އެއިޑް ގެ ދަށުން 600 މިލިއަން ޖަޕަނީސް ޔެން (4
މިލިއަން އެމެރިކާ ޑޮލަރުގެ) ޕްރޮޖެކްޓް އެއްބަސްވުމުގައި އިއްޔެ ވަނީ މިނިސްޓްރީ
އޮފް ފޮރިން އެފެއާޒްގައި ސޮއިކޮށްފި.
މިޕްރޮޖެކްޓް ގެ ދަށުން ކާރިސާތަކަށް
އިޖާބަދިނުމަށް ބޭނުންކުރާނެ ފަޔަރ ވެހިކަލްއާއި، އަލިފާން ނިއްވާ ޕަންޕު، ފެން
ހިއްކާ ޕަންޕު އަދި ސްލަޖް ސަކްޝަން ޓްރަކް (sludge suction truck) އެއް
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ޙަވާލުކުރެވިގެންދާނެއެވެ. މިގޮތުން
ގެނެވޭ ތަކެތީގެ ތެރޭގައި ހިމެނެނީ 04 ފަޔަރ ފައިޓިން ވެހިކަލް، 264 ފެން ހިންދާ
ޕަންޕު، 40 އަލިފާން ނިއްވާ ޕަންޕު އަދި 01 ސްލަޖް ސަކްޝަން ޓްރަކެވެ.
މީގެ ތެރޭގައި ހިމެނޭ ފަޔަރ ފައިޓިންގ
ވެހިކަލް ތަކާއި އަލިފާން ނިއްވާ ޕަންޕު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ
ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ހަވާލުކުރެވޭނެއެވެ. މާލެ ސަރަޚައްދާއި އަތޮޅު
ތެރޭގައި ދިމާވާ އަލިފާނުގެ ހާދިސާތަކަށް އިޖާބަދިނުމަށް ކުރިމަތިވާ
ގޮންޖެހުންތައް ކުޑަކުޑަ ކުރުމަށް މިތަކެތި ބޭނުން ކުރެވިގެންދާނެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު
ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި
މިއޮތޯރިޓީއާއި ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއާއެކު ކުރެވުނު މަސައްކަތުގެ
ދަށުން އެކުލަވާލެވުނު މިޕްރޮޖެކްޓަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ
ދާއިރާއަށް ޖަޕާން ސަރުކާރުން އެހީތެރިވެދިނުމަށް އެކުލަވާލެވުނު މިފަދަ އެންމެ
އަވަސް ޕްރޮޖެކްޓެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައި
އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި މިއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޖަޕާނުން
ރާއްޖެއަށް ހަމަޖައްސާފައި ހުންނަ ސަފީރު ޓަކިއުޗީ މިޑޮރީއާއި ދެއްކެވި
ވާހަކަފުޅުގައި މިޕްރޮޖެކްޓް މިހާ އަވަހަށް އެކުލަވާލެއްވުމަށް ކުރެއްވި
މަސައްކަތަށް އެކަމަނާއަށް ޝުކުރު އަދާ ކުރެއްވިއެވެ.