ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން، މާލެ ސިޓީ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންގެ ޑްރާފްޓް މުރާޖަޢާކުރުމުގެ ގޮތުން ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ޕްލޭނަކީ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (ޔޫއެންޑީއާރްއާރް) ގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ޕްލޭނެކެވެ.
ސިޓީ ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވި މި ބައްދަލުވުމުގައި ވަނީ އެކުލަވާލާފައިވާ ޑްރާފްޓާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ކައުންސިލްގެ ޚިޔާލާއި މަޝްވަރާ ހޯދާފައެވެ. އަދި މި ޕްލޭން ފައިނަލް ކުރުމަށްޓަކައި ދެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ވެސް މި ސެޝަންގައި ވަނީ ކަނޑައަޅާފައެވެ.
މާލެ ސިޓީގެ ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށާއި، މި ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި މާލެ ސިޓީ ކައުންސިލުން ދެއްވާ އިސްކަމާއި ކުރައްވާ މިންނެތް މަސައްކަތްތައް އެންޑީއެމްއޭއިން ވަނީ ފާހަގަކޮށް، ޝުކުރު އަދާކުރައްވާފައެވެ.