މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. ނޮޅިވަރަމަށް ހެނދުނު 11:30 ފެށިގެން ބޯކޮށް ވާރޭވެހި، ރަށުތެރޭގައި ފެންބޮޑުވެގެން މި އޮތޯރިޓީއަށް ވަނީ ރިޕޯޓްކޮށްފައެވެ.
މި ވިއްސާރައިގެ ސަބަބުން މިހާތަނަށް އެ ރަށުގެ 3 ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައިވާއިރު، ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެންހިއްކުމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށާފައެވެ.
މެންދު 14:00 އެހާއިރު ވާރޭ ހުއްޓާފައިވާއިރު ރަށުތެރޭގައި ހެދިފައިވާ ފެންގަނޑު ހިންދުމަށްޓަކައި ރަށުގެ ހަތަރު ފަރާތުން މިހާރު ވަނީ ކޯރު ކަނޑައި، މޫދަށް ފެން ބޭރުކުރަން ފަށާފައެވެ. ފުރަތަމަ ރިޕޯޓްކުރި 3 ގޭގެ އިތުރުން އެހެން އެއްވެސް ގެއަކަށް ފެންވަދެގެން މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.
މީގެއިތުރުން، އިތުރަށް ވާރޭވެހިއްޖެ ހާލަތެއްގައި ގެތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާ ތައްޔާރުކުރުމުގެ މަސައްކަތް ކައުންސިލާއި ރައްޔިތުން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ނޮޅިވަރަމުގެ ހާލަތު މި އޮތޯރިޓީން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާއިރު، ބޭނުންވެއްޖެ ހާލަތެއްގައި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ނޮޅިވަރަމް ކައުންސިލާއި ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.