މިއަދު ހަވީރު ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހަރަކާތްތެރިވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އަލިފާނުގެ ސަބަބުން އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައިވެއެވެ. އަދި ގޭތެރޭގައި ދުމުގެ އަސަރު ހުރުމުގެ ސަބަބުން، އެގޭގައި ދިރިއުޅޭ 4 ފަރާތަކަށް އެއް ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި ފަސް ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމު މި އޮތޯރިޓީން ވަނީ ހަމަޖައްސައިދީފައެވެ.
މި އޮތޯރިޓީން އާންމުންނަށް އިލްތިމާސްކުރަނީ، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަބަދުވެސް ސަމާލުކަންދީ، އަލިފާނުގެ ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުވުމަށެވެ.