ޖަޕާނު ސަރުކާރުގެ
ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް
ޕްރޮޖެކްޓް" ގެ ތެރެއިން، ފެންބޮޑުވުމުގެ ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާން
ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް ފަސް ރަށެއްގެ ކައުންސިލާ އެން.ޑީ.އެމް.އޭ
އިން ހަވާލުކޮށްފި. އެ ރަށްތަކަކީ ރ. އިނގުރައިދޫ، ކ. ކާށިދޫ، މ. މުލައް، އއ.
ފެރިދޫ އަދި ތ. ކަނޑޫދޫ އެވެ. މިޕަންޕުތައް ކައުންސިލް
ތަކާއި ހަވާލުކޮށްދެއްވާފައި ވަނީ އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް
ޙިސާން ޙަސަންއެވެ.
މި މަޝްރޫޢުގެ
ފުރަތަމަ ފިޔަވަހީގެ ދަށުން ލިބިފައިވާ 40 ޕަންޕު، ފުރަތަމަ ބުރުގައި 20 ރަށަކަށް
(ކޮންމެ ރަށަކަށް 2 ޕަންޕާއި އެކްސެސެރީޒް) ބެހުމަށް ވަނީ ހަމަޖެހިފައެވެ. މި
ރަށްތައް ކަނޑައެޅުމުގައި ބަލާފައިވަނީ، މީގެ ކުރިން މި އޮތޯރިޓީން ޕަންޕު
ފޯރުކޮށްދީފައިނުވާ ރަށްތަކުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި އާންމުކޮށް ފެންބޮޑުވުމުގެ
ހާދިސާތައް ކުރިމަތިވެ ރިޕޯޓްކުރާ ރަށްތަކަށް ބަލައިގެންނެވެ.
މި މަޝްރޫޢަކީ ކާރިސާތަކަށް
އިޖާބަދިނުމުގެ ކަންކަން އަތޮޅުތެރޭގައި ހަރުދަނާކޮށް، ވިލުންތެރި ރާއްޖެއެއް
ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ
ސިޔާސަތުތަކުގެ ދަށުން، އެން.ޑީ.އެމް.އޭ އިން ކުރިއަށްގެންދާ މުހިންމު
މަސައްކަތެކެވެ.
ދެވަނަ ބުރުގައި
ޕަންޕު ފޯރުކޮށްދެވޭނެ ރަށްތަކަކީ ހއ. އިހަވަންދޫ، ހއ.ދިއްދޫ، ހއ.އުލިގަން،
ހދ.ނެއްލައިދޫ، ނ.މާފަރު، ރ.ފައިނު، ބ.ކުޑަރިކިލު، ޅ.ނައިފަރު، ކ.ގާފަރު،
ތ.ބުރުނީ، ދ.ހުޅުދެލި، ފ.މަގޫދޫ، ފ.ބިލެއްދޫ، ގދ.ހޯޑެއްދޫ އަދި ގދ.ކަނޑުހުޅުދޫއެވެ.