އީ.އެސް.ޑީ.ޕީ ޕްރޮޖެކްޓްގެ ދަށުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ 66 މިލިއަން ދިވެހި ރުފިޔާ ގެ އަގުހުރި ތަކެތި ޖަޕާން ސަރުކާރުން އެން.ޑީ.އެމް.އޭ އާއި ހަވާލުކޮށްފި އައު

26 އޭޕްރީލު 2026

2024 މާރިޗު 24 ވަނަ ދުވަހު ސޮއިކުރެވުނު، "ޖަޕާން ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް (އީ.އެސް.ޑީ.ޕީ)" ޕްރޮޖެކްޓްގެ ދަށުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ ގާތްގަނޑަކަށް 4.3 މިލިއަން އެމެރިކާ ޑޮލަރު (66 މިލިއަން ދިވެހި ރުފިޔާ) ގެ އަގުހުރި ތަކެތި ޖަޕާން ސަރުކާރުން މިއަދު މިއޮތޯރިޓީއާއި ވަނީ ހަދިޔާކޮށްދެއްވާފައެވެ.
މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސިޒް އިޝިގާމީ ރޫމީކޯ އެވެ. އެން.ޑީ.އެމް.އޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް ޙިސާން ޙަސަނެވެ. މިޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގެ ދަށުން އަލިފާން ނިއްވާ 40 ޕަންޕާއި 40 ފެންހިންދާ ޕަންޕް އެއާއި ގުޅޭ އާލާތްތައް ވަނީ ހަދިޔާކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް ޙިސާން ޙަސަން ވަނީ، ހަވާލުކުރެވުނު އިކުއިޕްމަންޓްތަކުގެ ސަބަބުން ކާރިސާތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ދިގުމުއްދަތަކަށް ހަރުދަނާކުރުމަށް މުހިންމު އެހީތެރިކަމެއް ލިބިގެންދިޔަކަން ފާހަގަކުރައްވާފައެވެ. އަދި ކާރިސާގެ ކަންކަން ލާމަރުކަޒީ ނިޒާމެއްގެތެރެއިން ހަރުދަނާކަމާއިއެކު ކުރިއަށްގެންދިޔުމަށް މުޖުތަމަޢުތައް ބާރުވެރިކުރުވުމަށް އެން.ޑީއެމް.އޭއިން ކުރައްވާ މަސައްކަތަށް މި  ޕްރޮޖެކްޓްގެ ސަބަބުން އިތުރުކުރިއެރުމެއް ލިބިގެންދާނޭކަން ޗީފް އެގްޒެކެޓިވް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މީގެއިތުރުން ކާރިސާތަކަށް ތައްޔާރުވެތިބުމަށްޓަކައި ޖަޕާނުގެ ސަރުކާރުން އަބަދުވެސް ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޖަޕާން ސަރުކާރަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ ސަބަބުން، ކާރިސާތަކަށް އިޖާބަދިނުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް، އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްތަކާއި މުޖުތަމަޢުތަކަށް ލިބިގެންދާނެކަން ކަށަވަރުވެގެންދާނެއެވެ. އަދި މި ތަކެއްޗަކީ ކާރިސާތަކަށް ރަށްތަކުގެ ވިލުންތެރިކަން ކަށަވަރުކޮށް، މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރައްވައި ރަށްރަށުގެ މުޖުތަމަޢުތައް ބާރުވެރިކުރުވައިގެން، ކުރިމަތިވެދާނެ ނުރައްކާތަކާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކޮށް، ޤުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ތައްޔާރުވެ ތިބުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައިވެސް ވަނީ ފާހަގަ ކުރައްވާފައެވެ. ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަމާއި ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަން ޖަޕާނުން ބަލައިގަނެ، ގުދުރަތީ ކާރިސާތަކުގެ ތަޖުރިބާތަކުން ދަސްވި ފިލާވަޅުކަމުގައިވާ ކާރިސާއެއް ކުރިމަތިވުމުގެ މާ ކުރިން، ރޭވުންތެރިކަމާއި އިންވެސްޓްމަންޓްތަކުގެ އިތުރުން ވަރުގަދަ މުއައްސަސާތައް މެދުވެރިކޮށް އެކަމަށް ތައްޔާރުވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ސަފީރު އަލިއަޅުއްވާލެއްވިއެވެ.
ޖަޕާނަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ދާއިރާއިން ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. މިގޮތުން، މިހާރުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ބިނާކޮށް ތަރައްޤީކުރުމަށްޓަކައި 2015 އަދި 2017 ވަނަ އަހަރު ޖަޕާނުން ވަނީ ބޮޑެތި އެހީތަކެއް ފޯރުކޮށްދެއްވާފައެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު މާލޭގައި ބޭނުންކުރުމަށް ދެ އިމަޖެންސީ ސަޕޯޓް ވެހިކަލް ފޯރުކޮށްދިނުމަށްޓަކައި، ޖަޕާނުގެ "ގްރާންޓް އެސިސްޓަންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް" (ޖީ.ޖީ.ޕީ) ގެ ދަށުން 89,900 އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް އެ ގައުމުން ވަނީ ނިންމަވާފައެވެ.
މި އެހީގެ ސަބަބުން މޫސުމީ ބަދަލުތަކާއި، ގުދުރަތީ ކާރިސާތަކުގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ލިބޭ ނުރައްކާތަކުން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބި، ކާރިސާތަކަށް ވިލުންތެރި، ހަރުދަނާ ގައުމެއްގެ ގޮތުގައި ރާއްޖެ ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ. ރަށްރަށުގެ މުޖުތަމަޢުތަކަކީ ކާރިސާތަކަށް ހޭނިފައިވާ ބަޔަކަށް ހެދުމަށާއި، ފެންބޮޑުވުމުގެ ހާދިސާތަކާއި އަލިފާނުގެ ހާދިސާތައް މެނޭޖުކުރުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ގެ މަސައްކަތްތަކަށްވެސް މިހާރަށްވުރެ ހަރުދަނާކުރުމަށް މި އެހީގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް