އުތުރުގެ ބައެއް ރަށްތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ރަށްތަކަށް ގެއްލުންތައްވަނީ އައު

23 އޮކްޓޯބަރު 2026


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އުތުރުގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ރަށްތައް ފެންބޮޑުވެ، ގިނަ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ރިޕޯޓްކޮށްފިއެވެ. މިކަމާ ގުޅިގެން އެންޑީއެމްއޭއިން ދަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ހދ. ނޮޅިވަރަންފަރުގެ ހާލަތު:ހދ. ނޮޅިވަރަންފަރަށް މިހާރުވެސް ވަރަށް ބޯކޮށް ވާރޭވެހެމުންދާއިރު، ރަށުތެރޭ ފެންބޮޑުވެ، 60 އަށްވުރެ ގިނަ ގެއަކުން ވަނީ އެންޑީއެމްއޭއަށް ރިޕޯޓްކޮށްފައެވެ. ގިނަ ގެތަކުގެ އަޑިން ފެން އަރަމުންދާއިރު، ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ނޮޅިވަރަންފަރު ކައުންސިލުން މައުލޫމާތުދެއެވެ. ނަމަވެސް މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތަކަށް އަދި ނުދާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. ރަށު ކައުންސިލާއި ފުލުހުން އަދި ރައްޔިތުން ގުޅިގެން މިހާރު ދަނީ ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
ކުޅުދުއްފުށި ސިޓީގެ ހާލަތު:ކުޅުދުއްފުށި ސިޓީއަށްވެސް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 190 އަށްވުރެ ގިނަ ގެއިން ވަނީ އެންޑީއެމްއޭއަށް ރިޕޯޓްކޮށްފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ދަނީ މި ގެތަކުގެ ހާލަތު ބަލަމުންނެވެ. ކައުންސިލް، ފުލުހުން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އަދި އެމްއާރުސީ ގުޅިގެން ރަށުތެރޭން ފެންހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ކުޅުދުއްފުށިން މިވަގުތު ވާރޭ ވަނީ ހުއްޓާލާފައެވެ.
ހދ. ނޮވިރަމްގެ ހާލަތު:ހދ. ނޮވިރަމްއަށް ރޭން ފެށިގެން ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާތީ، 5 ސަރަހައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް އަދިވެސް ފެންގަނޑު ހިނދިފައި ނުވާކަމަށް ނޮވިރަމް ކައުންސިލުން މައުލޫމާތުދެއެވެ. ރަށުގެ 95 އިންސައްތަ ގެތަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް އާއިލާތައް ވަނީ މިހާރު އެހެން ގެތަކަށް ބަދަލުކުރެވިފައެވެ. މި ހާލަތުން އަރައިގަތުމަށް ކައުންސިލުން މިހާރު ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމަށްވެސް އެދިފައެވެ.
ޅ. ނައިފަރުގެ ހާލަތު:ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން މިހާތަނަށް 2 ގެއަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތެއް އަދި މެދުވެރިއެއްނުވާކަމަށް ނައިފަރު ކައުންސިލުން މައުލޫމާތުދެއެވެ. ފެން ވަންނަ ގެތަކުގެ ކައިރީ ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ކައުންސިލުން ބުނެއެވެ.
އެންޑީއެމްއޭއިން ދަނީ މިރަށްތަކުގެ ހާލަތު ގާތުން ބަލަމުންނެވެ. އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތައް ދެނެގަނެ، ރަށު ކައުންސިލްތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރުމުގެ އިންތިޒާމްވެސް މިހާރު ދަނީ ހަމަޖައްސަމުންނެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް