ކާރިސާގެ
ކަންކަން މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލުމާއި ކުއްލި ހާލަތެއްގައި
ހަރަކާތްތެރިވާނޭ މީހުން ތަމްރީން ކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް
އޮތޯރިޓީ (އެންޑީއެމްއޭ) ކުރިއަށް ގެންދާ ކޮމިއުނިޓީ ބޭސްޑްރެސިލިއަންސް ބިލްޑިންގ
(ސީބީއާރުބީ) ޕްރޮގްރާމްގެ މަސައްކަތު ބައްދަލުވުން ތ. ވިލުފުށީގައި މިއަދު
ފަށައިފިއެވެ.
މިމަހުގެ 18 - 22
ގެ ނިޔަލަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގެ ފުރަތަމަ 3 ދުވަސް ޚާއްސަކޮށްފައި ވަނީ
ތ. ވިލުފުށީގެ އައިލޭންޑް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން (އައިޑީއެމްޕީ) ނުވަތަ
ކާރިސާގެ ކަންކަން މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލުމަށެވެ. އެގޮތުން ޕްލޭން
އެކުލަވާލުމުގެ މަސައްކަތް ކުރަނީ އެރަށުގެ ކައުންސިލާއި ރަށުގެ ހުރި
މުއައްސަސާތަކުގެ ބޭފުޅުންނާއި އާންމު ރައްޔިތުންގެ ބައިވެރިވުމާއެކުގައެވެ.
"ކާރިސާގެ
ކަންކަން މެނޭޖްކުރުމުގެ ޕްލޭނެއް އޮތުމަކީ މުހިއްމު ކަމެއް، އަދި
އެންޑީއެމްއޭއިން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ހުރިހާ ރަށެއްގެވެސް
ޕްލޭން އެކުލަވާލާ، ރަށު ފެންވަރުގައި ކަރިސީ ހިރާސް ކުޑަކޮށް، ކާރިސާތަކަށް
ތައްޔާރުވެފައިވާ ވިލުންތެރި މުޖުތަމައެއް ބިނާ ކުރުމަށް" އެންޑީއެމްއޭގެ
ޑިރެކްޓަރ އޮފް ޕްރޮގްރާމްސް، ރިސާޗް އެންޑް އެޑްވޮކަސީ ޙަސަން ޒިޔާޢު
ވިދާޅުވިއެވެ.
ރަށްރަށުގެ
ވިލުންތެރިކަން އިތުރުކުރުމަށް އެންޑީއެމްއޭ އިން ކުރިއަށް ގެންދާ ކޮމިއުނިޓީ
ބޭސްޑް ރެސިލިއަންސް ބިލްޑިންގ (ސީބީއާރުބީ) ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ
މި މަސައްކަތު ބައްދަލުވުމުގެ ފަހު ދެ ދުވަސް ޚާއްސަކޮށްފައިވަނީ ކުއްލި
ހާލަތުގައި، ފުރަތަމަ އިޖާބަދޭނޭ ފަރާތްތައް ނުވަތަ ކޮމިއުނިޓީ އެމަރޖެންސީ
ރެސްޕޮންސް ޓީމް (ސާޓް) އެކުލަވާލާ، އެ ބޭފުޅުން ތަމްރީން ކުރުމަށެވެ.
މި
މަސައްކަތުގައި ތ. ވިލުފުށީ ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި އާންމުން
ހިމެނޭހެން 40 ވުރެ ގިނަ ބޭފުޅުން ބައިވެރިއެވެ.
ޔުނިސެފްގެ
އެހީތެރިކަމާއެކު އެންޑީއެމްއޭ އިން ކުރިއަށް ގެންދާ މި މަސައްކަތް އެހެން
ރަށްރަށް ފުޅާކޮށް، ރަށްރަށުގެ ކާރިސާގެ ކަންކަން މެނޭޖްކުރުމުގެ ޕްލޭން
އެކުލަވާލާ، ރަށު ފެންވަރުގައި ކާރިސީ ހިރާސް ކުޑަކޮށް، ވިލުންތެރި ރާއްޖެއެއް
ބިނާކުރުމަށް އެންޑީއެމްއޭ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.