ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް: ބޮޑެތި ގެއްލުންތަކެއް އައު

25 އޮކްޓޯބަރު 2026

 ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އެ ސަރަޙައްދުގައި ހުރި ގެތަކަކަށާއި ވޯކްޝޮޕްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓުކުރެވިފައިވެއެވެ.
އަލިފާން ރޯވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެސަރަޙައްދުގައި ހުރި 4 ގެއަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް އަލިފާނުގެ އަސަރުކުރިއެވެ. އަލިފާން ކޮންޓްރޯލް ކުރެވުމުގެ ކުރިން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެސަރަޙައްދުގައި ހުރި ގެތަކުން މީހުން ވަނީ ހުސްކުރެވިފައެވެ. އަލިފާން ރޯވި ސަރަޙައްދުން ގަވާއިދުން އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، އެ ސަރަޙައްދުގައި ހުރި ގޭގޭގެ މީހުން ވަނީ ވަގުތީ ގޮތުން ރައްކާތެރި އެހެން ގެތަކަށް ބަދަލުކޮށްފައެވެ.
މި ހާދިސާގައި 1 ގެއެއް ވަނީ މުޅިން އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން ކައިރީގައި ހުރި އިތުރު 3 ގެއަކަށް ވެސް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. ޖުމްލަ 5 ގޭބިސީއަކަށް އަސަރުކޮށްފައިވާއިރު، 33 ރައްޔިތުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެހެން ތަންތަނަށް ބަދަލުކޮށްފައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި، ފުނަދޫ އެއާޕޯޓް ފަޔަރ އެންޑް ރެސްކިޔު ޓީމާއި، އެމް.އެން.ޑީ.އެފް ނޮދަރން އޭރިއާ ކޮމާންޑް – ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެން.އޭ.ސީ-އެފް.އާރ.އެސް) އާއި، ފުނަދޫ ކައުންސިލާއި އަދި ފުނަދޫ ސްކޫލް ކެޑޭޓުންނާއި ޢާންމުން ދަނީ ހަރަކާތްތެރިވަމުންނެވެ. ކުޅުދުއްފުށިން އެމްއެންޑީއެފް ފަޔަރ ޓީމު ވެސް ވަނީ އެރަށަށް ދަތުރުކޮށްފައެވެ. އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު ހެނދުނު 11:58 ގައެވެ. އަލިފާން އަލުން ރޯވިޔަ ނުދިނުމަށްޓަކައި ފިނިކުރުމުގެ މަސައްކަތްތަކާއި ސަލާމަތީ ކަންކަން ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން މިހާރު ދަނީ ބަލަހައްޓަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބުނު ކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވިޔަސް، ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން 18 ފަރާތަކަށް އަސަރުކޮށްފައިވާކަމަށް ރިޕޯޓުކުރެވިފައިވެއެވެ. މީގެ ތެރޭގައި 16 ޢާންމު ރައްޔިތުންނާއި، 1 ފަޔަރ ފައިޓަރ އަދި 1 ހޮސްޕިޓަލްގެ މުވައްޒަފެއް ހިމެނެއެވެ. މިވަގުތު 4 ފަރާތެއް ދަނީ ށ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ފުނަދޫ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ހާލަތު އިތުރަށް ބަލައި މޮނީޓަރ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
 މި ހާދިސާގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދެންޖެހޭ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީންދަނީ ކުރަމުންނެވެ. އަނިޔާވި ފަރާތްތަކުގެ އަދަދުތަކާއި، އަސަރުކުރި ގޭބިސީތަކާއި، ހުސްކުރެވުނު މީހުންގެ ތަފްސީލުތަކާއި، ގެއްލުންތަކުގެ ތަފްސީލުތައް، ހާލަތު ބަދަލުވަމުންދާ ވަރަކަށް ބަދަލުވުން އެކަށީގެންވެއެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް