ށ.ފުނަދޫ އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފި ށ.ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެއެއްގައި ދިރިއުޅުނު 11 މީހުންނަށް، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފިއެވެ.
މިއަދު ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި، އެއް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެގޭގައި ދިރިއުޅެމުން ދިޔަ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. މި ހާދިސާއާ ގުޅިގެން، ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން، އެ އޮތޯރިޓީން ވަނީ ފަސް ދުވަހުގެ މުއްދަތަށް އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ކަށަވަރުކޮށްދީފައެވެ.
ކާރިސާތަކުގައި ގެއްލުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އޮތޯރިޓީގެ އެންމެ އިސް އެއް މަޤްސަދެވެ. އަދި، މިފަދަ ހާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެއެެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ އިދާރާތަކުން އަންނަނީ މިހާރު ތަހުޤީގު ކުރަމުންނެވެ.