މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ހަރަކާތްތައް ފަށައިފި

21 އޮކްޓޯބަރު 2026

 މާލެއަށް ބޯކޮށް ވާރޭވެހި، ރަށުގެ އެކި ސަރަޙައްދުތައް ފެންބޮޑުވުމުގެ ސަބަބުން، ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެން ހިންދާ، އަދި ފެނުގެ ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުޅާދާއިރާއެއްގެ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާއި ގުޅިގެން މި އޮޕަރޭޝަންގައި ދިވެހިރާއްޖޭގެ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ފަޔަރ އެންޑް ރެސްކިއު ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް، ދިވެހި ރެޑް ކްރެސެންޓް، މާލެ ސިޓީ ކައުންސިލް، އެމް.ޓީ.ސީ.ސީ އަދި އެޗް.ޑީ.ސީ ގުޅިގެން ދަނީ ހަރަކާތްތެރިވަމުންނެވެ.
މާލޭގެ 10 ސަރަޙައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މީގެއިތުރުން، ފެނުގެ އަސަރުކޮށްގެން އެން.ޑީ.އެމް.އޭއަށް ރިޕޯޓްކޮށްފައިވާ ގޭބީސީތަކުގައި، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އެގޮތުން، ވެލި އެޅުމަށް ބޭނުންވާ 10،000 ގޯނި މިހާތަނަށް ވަނީ މާލެ ސިޓީ ކައުންސިލާ ހަވާލުކުރެވިފައެވެ.
މިރޭގެ 22:00 އާ ހަމައަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ފެންވަދެގެން ވެލިބަސްތާ ޖަހައިދިނުމަށް އެދި 21 ގެއަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި 1 ގެއަކުން ނަޖިސް ލީކުވެގެން ރިޕޯޓްކޮށްފައިވާއިރު، 16 ފިހާރައަކަށާއި، 2 ރެސްޓޯރެންޓުގެ އިތުރުން 2 ކްލިނިކަކަށް ފެންވަދެގެން ވަނީ ރިޕޯޓްކޮށްފައެވެ. މީގެއިތުރުން، ސަރުކާރުގެ 4 ޢިމާރާތަކަށް ފެނުގެ އަސަރުކޮށްގެންވެސް މި އޮތޯރިޓީއަށް ވަނީ ރިޕޯޓް ލިބިފައެވެ.
މިރޭ 23:00 އާ ހަމައަށް ލިބިފައިވާ އަދާހަމަ މަޢުލޫމާތުގައިވާ ގޮތުން:
  • ނަޖިސް ލީކުވުމުގެ މައްސަލަ: 1 ގެއަކުން ވަނީ ރިޕޯޓުކޮށްފާވޭ.
  • ފެންބޮޑުވިޔަ ނުދިނުމަށް ވެލިބަސްތާ ޖެހުމަށް އެދިފައިވާ ތަންތަނުގެ ތަފްސީލު: 33 ގެ، 35 ފިހާރަ، 6 ކެފޭ / ރެސްޓޯރަންޓް، 5 ސަރުކާރާއި އަމިއްލަ އެކި އިމާރާތް، 4 ސްކޫލް، 2 ކްލިނިކް، 2 ގުދަން، 1 އޮފީސް އިމާރާތް އަދި 1 ކޮންސްޓްރަކްޝަން ސައިޓް.
ވެލިބަސްތާ ޖަހައިދިނުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، މިހާތަނަށް 31 ތަނަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ. އަދި ބާކީ ހުރި ތަންތަނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، ކަމާގުޅުންހުރި އެކި މުއައްސަސާތަކާ ގުޅިގެން އެން.ޑީ.އެމް.އޭއިން ދަނީ  ކުރަމުންނެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް