ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް ގުޅިގެން، ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ބައެއް ސާމާނު ދިވެހި ފުލުހުންގެ ހިދުމަތަށް ހަދިޔާކޮށްފިއެވެ.
ޖުމްލަ 2.6 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި މި އެހީގެ ތެރޭގައި ފަސް ދާއިރާއަކުން 2,064 އައިޓަމް ފޯރުކޮށްދީފައެވެ. އޭގެތެރޭގައި އަލިފާން ނިއްވުމަށް ބޭނުންވާ ސާމާނާއި، ޕަމްޕު އަދި ކަރަންޓު އާލާތްތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރެސްކިއު ގިއަރ އާއި ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނާއި ފީލްޑް އޮޕަރޭޝަންސް އަދި ސަޕޯޓް އިކުއިޕްމަންޓްގެ އިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކިއުއިޕްމަންޓް (ޕީ.ޕީ.އީ) ހިމެނެއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ހިދުމަތާއި ހަވާލުކުރި މިތަކެއްޗަކީ ޔޫ.އެން.ޑީ.ޕީ ފަންޑިންގ ވިންޑޯސްގެ "ރިޑްސް އިން ސިޑްސް" މަޝްރޫޢުގެ ދަށުން ޑެންމާކް، ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ ދީލަތި އެހީއާއެކު ފޯރުކޮށްދިން ތަކެއްޗެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ މޫސުމީ ބަދަލުތަކަށް ދިވެހިރާއްޖެ ހާނުވައި، ތަރައްގީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ކާރިސީ ހިރާސް ކުޑަކުރުމަށް ބާރުއަޅައި، ޤައުމީ ފެންވަރުގައި ވިލުންވެރިކަން އިތުރުކުރުމެވެ. މިގޮތުން ކާރިސާގެ ހާލަތްތަކުގައި އިޖާބަދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރާއި ވަސީލަތްތައް އިތުރުކުރުމަށް މި މަޝްރޫޢުން ބޮޑު އިސްކަމެއް ދެއެވެ.
ޔޫއެންޑީޕީ އިން ފާހަގަ ކުރާގޮތުގައި މި އެހީތެރިކަމަކީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ މޫސުމީ އަރައްކާތަކުގެ ހިރާސް ކުޑަކުރުމާއި، ކުރިއާލާ އިންޒާރުދޭ ނިޒާމުތައް ވަރުގަދަކުރުމާއި، ކާރިސާތަކަށް އިޖާބަދިނުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
މިތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ފުލުހުންގެ ހިދުމަތަށް މި ތަކެތި ހޯދައި ދިނުމުގެ ބޭނުމަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. އަދި މިގޮތުން ދިވެހި ފުލުހުންނަކީ ރަށްރަށުގައި ޤާއިމްވެ ތިބެ، މުޖުތަމަޢުތަކާއި އެންމެ ގާތުން މަސައްކަތްކުރާ، ކާރިސާތަކުގައި އެންމެ ފުރަތަމަ އިޖާބަދޭ އެއް މުއައްސަސާއަށް ވީހިނދު މިއަދު ހަވާލުކުރެވުނު އާލާތްތަކުގެ ސަބަބުން ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް ރަށު ފެންވަރުގައި އެޅުމަށް މަގުފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.