ދިވެހިރާއްޖޭގެ ކާރިސާތަކަށް ތައްޔާރުވުމާއި ކާރިސީ ހިރާސްތަކާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ "ހުޝިޔާރު" ވެބްސައިޓް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. މި ވެބްސައިޓް ތަޢާރަފުކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެންނެވެ.
މި ވެބްސައިޓް ތަޢާރަފުކޮށްފައިވަނީ 13 އޮކްޓޯބަރ 2025 ގައި ފާހަގަކުރި ބައިނަލްއަޤްވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާއި ގުޅިގެން އެންޑީއެމްއޭ އިން އިސްނަގައިގެން ބޭއްވި "ވިލުންތެރި ފެސްޓު" ގައެވެ. "ހުޝިޔާރު" ކެމްޕޭންގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ކާރިސާތަކާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމެވެ.
ހުޝިޔާރު ވެބްސައިޓަކީ (hushiyaaru.mv) މުޖުތަމަޢުއަށް މަޢުލޫމާތު ފޯރުކޮށްދޭ، ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭ، އަދި ޢަމަލީ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ މަޢުލޫމާތު ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުން ކާރިސާތަކާ ގުޅޭ އިރުޝާދުތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތަކާއި، ޑައުންލޯޑްކުރެވޭ ޕޯސްޓަރުތަކާއި، ތަޢުލީމީ ދާއިރާއަށް ބޭނުންވާ ފަންނީ މަޢުލޫމާތު ލިބެން ހުންނާނެއެވެ. ޚާއްސަ ގޮތެއްގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ، މި ޕްލެޓްފޯމް 5 ބަހަކުން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައި ވާކަމެވެ.
"ވިލުންތެރި ފެސްޓު" އަކީ ކުޑަކުދިންނާއި މުޅި މުޖުތަމަޢުއަށް އަމާޒުކޮށްގެން ބޭއްވުނު ހަރަކާތެކެވެ. މި ފެސްޓުގައި ދިވެހިރާއްޖޭގެ ކާރިސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި އަދި މިނޫންވެސް ސަރުކާރުގެ އެހެނިހެން އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި އަދި މަދަނީ ޖަމްޢިއްޔާތައް ހިމެނޭގޮތަށް، 20 ފަރާތަކުން ވަނީ ދިވެހިރާއްޖެ ވިލުންތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދީފައެވެ.
"ދިވެހިރާއްޖޭގެ ކާރިސާ ހިރާސް ކުޑަކުރުމުގެ އިސްތިރާޖު 2024-2030 ގައި ބަޔާންކޮށްފައިވާ 'އިޖާބަދިނުމަށް މުޖުތަމަޢު ބާރުވެރިކުރުވުން' މި މުހިންމު އަމާޒަށް ވާސިލްވުމަށްޓަކައި ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭ ޚާއްޞަ ވެބްސައިޓެއް މިއަދު ޤާއިމްކުރެވިގެން ދިއުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ،" އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވިއެވެ. "ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން އެންޑީއެމްއޭ އިން ފެށި މި ޤައުމީ ކެމްޕޭނު އިތުރަށް ފުޅާކުރެވި މިކަމުގެ ސަބަބުން ކާރިސާތަކަށް ވިލުންތެރި މުޖުތަމަޢުތަކެއް ބިނާކުރެވުން އެއީ އަޅުގަނޑުމެންގެ އުއްމީދެވެ."
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދިވެހިރާއްޖޭގައި ހުންނަ ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އަދްނާން ޗީމާ ވިދާޅުވީ، "ހުޝިޔާރު ކެމްޕެއިން އަކީ ކާރިސާތަކަށް މުޖުތަމަޢުގެ ވިލުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ދުރާލާ އިންޒާރުދިނުމާއި، ކާރިސީ ކަންކަމާއި ގުޅޭ ފަންނީ މަޢުލޫމާތު އެއްތަނަކުން ފެންނަ ޕްލެޓްފޯމެއް ޤާއިމްކުރުމުގެ އަޅުގަނޑުމެންގެ މަޤްސަދަކީ ރައްކާތެރި ފިޔަވަޅު އަޅާ، ހިރާސް ކުޑަކުރުމަށް އަހުލުވެރި، ކާރިސާތަކަށް ކުރިމަތިލެވޭ ދިވެހިރާއްޖެއެއް ބިނާކުރުމެވެ."
"ހުޝިޔާރު" ވެބްސައިޓް ތަރައްޤީކުރެވިފައިވަނީ ޔޫއެންޑީޕީގެ ފަންޑިންގ ވިންޑޯ މެދުވެރިކޮށް ޑެންމާކް، ލަކްސެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުތަކުން ދެއްވި އެހީގެ ދަށުންނެވެ.