ޑިޒާސްޓަރ މެނޭޖްމަންޓް
އޮތޯރިޓީ (އެންޑީއެމްއޭ) އިން ކ. ގުރައިދޫ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން
އެކުލަވާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ގުރައިދޫގެ ޑިޒާސްޓަރ
މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ބާއްވާ މަސައްކަތު ބައްދަލުވުންތައް މިއަދުން
ފެށިގެން މިމަހުގެ 13 ގެ ނިޔަލަށް ކުރިއަށްދާނެވެ. މަސައްކަތު ބައްދަލުވުމުގައި
ގުރައިދޫ ކައުންސިލްގެ އިތުރުން ރަށުގެ މުހިއްމު ހުރިހާ މުއައްސަސާތަކުން ބޭފުޅުން ބައިވެރިވެއެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރީޓިން ވިދާޅުވީ
ފުރަތަމަ ތިން ދުވަހު ޑީޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް
ކުރުމަށްފަހު، ފަހު 2 ދުވަހުގައި ކުރިއަށްދާނީ ކޮމިިއުނިޓީ ބޭސްޑް އެމަރޖެންސީ
ރެސްޕޮންސް ޓީމް (ސާޓް) ނުވަތަ ކަމެއް ދިމާވެއްޖެ ހަލަތެއްގައި ހަރަކާތްތެރިވާނެ
މީހުން ތަމްރީން ކުރުމުގެ މަސައްކަތް ކަމަށެވެ.
"ފުރަތަމަ 3 ދުވަސް އަޅުގަނޑުމެން މި ހާއްސަ
ކުރަނީ ޑީޒާސްޓާރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް. އެކަން އެޅުގަނޑުމެން
މިކުރަނީ މި ރަށުގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި ކަމާ ގުޅުންހުރި ހުރިހާ ބޭފުޅުންގެ ބައިވެރިވުމާއެކު. ފަހު ދެ
ދުވަހު ކުރިއަށްދާނީ ސާޓް ނުވަތަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ހަރަކާތްތެރިވާނޭ
ބޭފުޅުން ތަމްރީން ކުރުން" ޙަސަން ޒިޔާޢު – އެންޑީއެމްއޭގެ ޑިރެކްޓަރ އޮފް
ޕްރޮގްރާމްސް، ރިސާޗް އެންޑް އެޑްވޮކަސީ ވިދާޅުވިއެވެ.
މިއީ ރަށު ފެންވަރުގައި ކާރިސީ ހިރާސްކުޑަކޮށް،
ކާރިސާގެ ހާލަތަކަށް ތައްޔާރުވެ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް
ރަށްރަށުގައި ކުރިއަށް ގެންދާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި
އަމަލުކުރަމުންއައި ފްރޭމްވޯކް އިސްލާހުކުރުމަށްފަހު، އެކުލަވާލި ކޮމިއުނިޓީ
ބޭސްޑް ރެސިލިއަންސް ބިލްޑިންގ ފްރޭމްވޯކްގެ ދަށުން ބާއްވާ ޕްރޮގްރާމެކެވެ. އަދި
މި ޕްރޮގްރާމް ކުރިއަށްެ ގެންދަނީ ލަގްޒަންބާގްއާއި ޑެންމާކް އަދި ދެކުނު ކޮރެއާގެ
އެހީއާއެކު ޔޫއެންޑީޕީން ކުރިއަށް ގެންދާ ރިޑްސް އިން ސިޑްސް ޕްރޮގްރާމްގެ މާލީ އެހީތެރިކަމާއެކުގައެވެ.
2012 ވަނަ އަހަރުން ފެށިގެން އެންޑީއެމްއޭއިން
އަމަލުކުރަމުން އައި ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިިސްކް މެނޭޖްމަންޓް – (ސީބީޑީއާރުއެމް)
ފްރޭމްވޯކް މިހާރު ވަނީ ޔޫއެންޑީޕީގެ އެހީއާއެކު އިސްލާހުކޮށް ކޮމިއުނިޓީ ބޭސްޑް
ރެސިލިއަންސް ބިލްޑިންގ (ސީބީއާރުބީ) އަށް ބަދަލުކޮށްފައެވެ.
ރަށުފެންވަރުގައި
ކާރިސާތައް މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާތަނަށް 72
ރަށެއްގައި އެންޑީއެމްއޭއިން ކުރިއަށް ގެންގޮސްފައިއެވެ. އަދި އިތުރު ރަށްރަށުގެ
ޕްލޭން އެކުލަވާލުމުގެ މަސައްކަތްވެސް އެ އޮތޯރިޓީން ދަނީ ކުރަމުންނެވެ