ކ. ގުރައިދޫ ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް ތަމްރީން ކުރުމުގެ މަސައްކަތް ފަށައިފި އައު

12 އޯގަސްޓު 2026

ކުއްލި ހާލަތެއްގައި ފުރަތަމަ އިޖާބަދޭ ފަރާތްތައް ތަމްރީން ކުރުމަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރިއަށް ގެންދާ ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް (ސާޓް) ތަމްރީން ކ. ގުރައިދޫގައި މިއަދު ފަށައިފި.
ގުރައިދޫ ކައުންސިލާ ގުޅިގެން އެންޑީއެމްއޭއިން ކުރިއަށް ގެންދާ މި ތަމްރީން މިއަދާއި މާދަމާ ކުރިއަށް ދާނެކަމަށް އެންޑީއެމްއޭއިން ވިދާޅުވޭ. ތަމްރީންގައި ކައުންސިލްގެ ބޭފުޅުންނާއި ރަށުގައި ހިމެނޭ މުއައްސަސާތަކާއި އެކި ދާއިރާތަކުން 30 ވުރެ ގިނަ ބޭފުޅުން ބައިވެރިވޭ.
ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް ނުވަތަ ސާޓަކީ ކުއްލި ހާލަތުގައި ފުރަތަމަ އިޖާބަ ދިނުމަށް ރަށު ފެންވަރުގައި ތަމްރީން ކުރާ ބައެއް. ސާޓް ތަމްރީން ފުރިހަމަ ކުރާ ބޭފުޅުން ކުއްލި ހާލަތުގައި ހަރަކާތްތެރިވާނީ ރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ އިރުޝާދުގެ ދަށުން.
އެންޑީއެމްއޭ އިން ވިދާޅުވީ ރަށު ފެންވަރުގައި ކުއްލި ހާލަތެއްގައި ތަމްރީންވެފައި ތިބި ފުރަތަމަ އިޖާބަދޭ ބޭފުޅުން ހުރިހާ ރަށެގައިވެސް ތިބުމަކީ މުހިއްމު ކަމެއް ކަމަށް.
"ސާޓް ތަމްރީނަކީ ކުއްލި ހާލަތުގައި ރަށު ފެންވަރު  އެންމެ ފުރަތަމަ އިޖާބަދޭ ފާރަތްތަކެއް ކަނޑައަޅާ އެމީހުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިފަދަ ޓީމްތައް އެކުލަވާލާ ތަމްރީން ކުރުން" އައިޝަތު އިފާ މުޙައްމަދު – އެންޑީއެމްއޭގެ އެމަރޖެންސީ އޮޕަރޭޝަންސް މެނޭޖަރ
ގ. ގުރައިދޫގައި މި ތަމްރީން ކުރިއަށް ދަނީ ޔުނިސެފްގެ އެހީތެރިކަމާއެކުގައި، އަދި އިތުރު ރަށްރަށުގައި ވެސް މި ތަމްރީން ކުރިއަށް ގެންދިއުމުގެ މަސައްކަތް އެންޑީއެމްއޭއިން ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
ސާޓް ތަމްރީނަކީ ރަށު ފެންވަރުގައި ވިލުންތެރިކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވެ، އަދި ހޭލުންތެރި މަޖުތަމައެއް ބިނާކުރުމަށް ރަށު ފެންވަރުގައި އެންޑީއެމްއޭ އިން ކުރިއަށް ގެންދާ ކޮމިއުނިޓީ ރެސިލިއަންސް ބިލްޑިންގ (ސީބީއާރުބީ) ޕްރޮގްރާމްގައި ހިމެނޭ މުހިއްމު ތަމްރީނެކެވެ.  
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް