ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ރަށުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ ލިބުނު ގެއްލުންތަކާ ގުޅިގެން މި އޮތޯރިޓީންނާއި ކަމާގުޅުންހުރި އިދާރާތަކުން ހާލަތު މޮނިޓަރކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
މި ވިއްސާރައިގެ ސަބަބުން ކޮލަމާފުށީގެ ބައެއް ގެތަކުންނާއި ސަރަޙައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ވެސް ކެނޑިފައެވެ. ހާދިސާ ހިނގުމާއެކު ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ވަގުތުން ވަނީ ރަށުތެރޭގައި ހެދިފައިވާ ފެންގަނޑު ކުޑަކުރުމަށް އެކި ސަރަޙައްދުތަކުން ކޯރު ކަނޑައިގެން މޫދަށް ފެން ބޭރުކުރުމާއި، ފެންހިއްކުމުގެ މަސައްކަތް ފަށާފައެވެ.
މި ހާލަތާ ގުޅިގެން ރަށަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ފެންހިއްކާ ޕަންޕާއި ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ތައްޔާރުކުރުމަށް ބޭނުންވާ ގޯނި ހިފައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ޓީމެއް ވަނީ މިރޭ 21:40 ހާއިރު އެރަށަށް ގޮސް މަސައްކަތް ފަށާފައެވެ.